ބޮނޑޮގޭ އާޓްގެލެރީ ރަސްމީކޮށް ހުޅުވައިފި

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އައްޑޫގައި ތިބި އިނގިރޭސި ސިފައިން މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި މަރަދޫ “ބޮނޑޮގެ” އައްޑޫގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވެއެވެ. މިއަދު، މި އިމާރާތް ބަދަލުވެގެން މިދަނީ އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނާން ހުންނާނެ އާޓްގެލެރީ އެއްގެ ގޮތުގައެވެ.

ބޮނޑޮގޭ، އާޓްގެލެރީ އެއްގެ ގޮތަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށްޓެވީ ހަތަރުވަނަ ދައުރުގެ ކައުންސިލުންނެވެ. މިތަން ހުޅުވި، ހަގީގަތަކަށް ވެގެން މިދަނީ މިކަމަށް މޭޔަރ ޢަލީ ނިޒާރު ދެއްވި ސަމާލުކަމާއި ކުރެއްވި ބުރަ މަސައްކަތުންނެވެ. އާޓްގެލެރީ ވުޖޫދުވުމުގެ ތަސައްވުރު ކުރައްސަވާލަ ދެއްވައި މަސައްކަތް ހިނގަމުންދިޔަގޮތް ވަރަށް ގާތުން ބައްލަވާ އިރުޝާދު ދެއްވަމުން ގެންދެވީ މޭޔަރެވެ.

“ބޮނޑޮގޭ އާޓްގެލެރީ”  ފަރުމާކޮށްފައިވާނީ އެންމެ ކުރީ ޒަމާނުގައި އައްޑޫގައި މީހުން ދިރިއުޅުނު ގޮތާއި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަންތައް ހިނގައިދިޔަ ގޮތް ފެންނާން ހުންނާނެ ގޮތަށެވެ. މި މަގްސަދު ހާސިލްކުރުމަށް ކުރެހުންތެރިންނަށާއި، އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އާޓްގެލެރީން ފުރުސަތު ލިބޭނެއެވެ.

މޭޔަރ ވިދާޅުވީ، މި ގެލެރީގެ ބޭނުމަކީ އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވާ، އައްޑޫއަށް ޒިޔާރަތްކުރާ މެހުމާނުންނަށާއި އާންމު ފަރާތްތަކަށް އައްޑޫގެ ތާރީޚާއި ސަފާގަތް، އަދި އައްޑުއާއި ގުޅުންހުރި ވާހަކަތައް ކިޔާދިނުމެވެ.

މިތަން ހުޅުވަން ބޭނުންވާ އާޓްވޯކް ހޯދުމަށް، އައްޑޫ ސިޓީގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް، އައްޑޫ އާޓް އެގްޒިބިޝަނަށް ކައުންސިލުން ފުރުސަތު ހުޅުވާލިއެވެ. މަޤްސަދަކަށްވީ ދިވެހިރާއްޖޭގެ ސަޤާފަތާއި އާދަކާދައާއި އައްޑޫގެ ޚާއްޞަ ކަންކަން ދައްކުވައިދިނުމާއި، ޒުވާން ފަންނާނުންގެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދީ އާޓް މެދުވެރިކޮށް މުޖުތަމަޢުގެ އެއްބައިވަންތަކަން އިތުރުކުރުމެވެ. މި އެގްޒިބިޝަންގައި ސްކޫލްތަކުން އެކިއެކި އުމުރުފުރާގައި ކުދިން ބައިވެރިވިއެވެ.

މި އެގްޒިބިޝަންގެ މައިގަނޑު ތީމަކީ “އައްޑޫ ސިޓީގެ ސަގާފަތް، ތާރީޚް އަދި އާދަކާދަ” އެވެ. މި ތީމްގެ ދަށުން އައްޑޫ ސިޓީގެ މުސްތަގުބަލުގެ ތަސައްވުރު، އައްޑޫގެ ގުދުރަތީ ރީތިކަން އަދި އައްޑޫގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭފަދަ ކުރެހުންތައް ލިބިފައިވެއެވެ.

އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންގެ ފަންނުވެރިކަން މިރޭ މިތަނުން ފެނިގެންދާނެއެވެ. އެކުދިންގެ އާޓިސްޓިކް ފިހިތަކުން ގެނެސްދީފައިވާ އައްޑޫގެ ގުދުރަތީ ރީތިކަމާއި އައްޑޫގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދީފައިވާ އާޓްވޯކްތައް ކައުންސިލުން އެކުލަވާލި ޚާއްސަ ފަނޑިޔާރުންގެ ޕެނަލަކުން ބަލައި، މާކްސްދީ ވަނަތައް ދީފައިވެއެވެ.

އާޓް އެގްޒިބިޝަން ހުޅުވާލާފަ އޮތީ ކޮންމެ ކެޓަގަރީ އަކުން މަދުވެގެން 5 ބައިވެރިން ބައިވެރިވާ ގޮތަށެވެ. ކެޓަގަރީތައް ބަހާލާފައިވަނީ 10 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 20 އަހަރުން ދަށެވެ. ޖުމުލަ 117 ކުދިން ބައިވެރިވިއެވެ. އައްޑޫހައި ސްކޫލުން 15، ޝަރަފުއްދީން ސްކޫލުން 15، ސ.އަތޮޅު ސްކޫލުން 20، ހިތަދު ސްކޫލުން 15، ހިރާ ސްކޫލުން 15، ކެންގަރޫކިޑްސް ހުސައިނިއްޔާ ޕްރި ޕްރައިމަރީ އިންޓަރނޭޝަނަލް ސްކޫލުން 16، ފޭދޫ ސްކޫލުން 12، އަދި ނޫޜާނީ ސްކޫލުން 9 އެވެ.

މާލެފިޔަވައި ރާއްޖޭގެ ރަށެއްގައި ހުޅުވޭ އެންމެ ބޮޑު އާޓްގެލެރީ އައްޑޫސިޓީ ކައުންސިލުން ހުޅުވާއިރު މިތަން ޑިޒައިން ކޮށްފައިވަނީ އައްޑޫގައި މީހުން ދިރިއުޅުނު ގޮތާއި، އިނގިރޭސިން ގަމުގައި އުޅުނު ދުވަސްވަރުގެ ހަނދާންތަކާއި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަންތައް ހިނގައިދިޔަ ގޮތް ފެންނާން ހުންނާނެ ގޮތަށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1941 ވަނަ އަހަރު، އައްޑޫގައި ތިބި އިނގިރޭސި ސިފައިންގެ ބޭނުމަށް އިމާރާތްކުރެވުނު ބޮނޑޮގެ މީގެ ކުރިންވެސް އެކިފަހަރު މަތިން މަރާމާތުކޮށް އާބާތުރަ ފިލުވާފައިވެއެވެ. އިމާރާތުގެ އަސްލަށް އެއްވެސް  ބަދަލެއް ނާންނަ ގޮތަށެވެ. ގިނަ ދުވަސްތަކަކަށް މިތަނުގެ ބޭނުން ނުކޮށް އޮތުމަށްފަހު، ބޮޑު މަރާމާތެއްކޮށް 2016، ނޮވެމްބަރ 11 ގައި މިތަން ހުޅުވިއެވެ. އެފަހަރުގެ މަރާމާތަށް 1.6 މިލިއަން ރުފިޔާ ކައުންސިލުން ވަނީ ޚަރަދުކޮށްފައެވެ. އޭގެފަހުން މިތަން ވެގެންގޮސްފައިވަނީ ޒުވާނުން މުނިފޫހި ފިލުވުމަށް ދިވެހިފިލްމް ބަލަންދާ ހިތްގައިމު ތަނަކަށެވެ.

އަށްޑިހަ ދެއަހަރުގެ ދިގު ތާރީޚެއް އޮތް މި އިމާރާތް އެކި ދުވަސްވަރު އެކި ބޭނުންތަކަށް ބޭނުންކުރެވިފައިވެއެވެ. މިގޮތުން 1950ން 1957 އަށް މަރަދޫ ރައްޔިތުންގެ މަދަރުސާ، “މަދްރަސަތުލް އަފީފިއްޔާ” ހިންގުމާއި، 1959، ޖަނަވަރީ1 ން 1963، ސެޕްޓެމްބަރ24 އަށް ސުވާދީބްދައުލަތުގެ ފަރާތުން އޭޓީސީ ގެ ނަމުގައި ހިންގި ވިޔަފާރި މަރުކަޒު ހިންގުން ހިމެނެއެވެ.

1964، އިން 1966، ޖޫން 1 އަށް  މަރަދޫ އޮފީސް ވަގުތީ ގޮތުން ހިންގުނެއެވެ. 1975، މާޗް 16 އިން 1979 އަށް މަސްޓް ކްލަބް (މަރަދޫ ޔުނައިޑެޓް ސްޕޯޓްސް ޓްރެއިނިން) ހިންގުނެއެވެ. ޓްރޮޕިކާ މިނަމުގައި ރަޖިސްޓްރީ ކޮށްގެން ހިންގި ބޭންޑްގެ ފަރިތަ ކުރުން ބޭއްވުނެވެ. އަދި މަރަދޫ މަދްރަސަތުލް އިމްދާދިއްޔާ ވަގުތީ ގޮތުން ހިންގުނެވެ. އަދި އެސްޓީއޯގެ ފަރާތުން ސިނަމާއެއްވެސް ހިންގާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

Your email address will not be published.


*